ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޢަބްދުލްޤަފޫރުގެ ހިޔާނާތުގެ މައްސަލައިގެ ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބެލުމަށް ހައި ކޯޓުން އެންގި އެންގުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ނުލިބުނު މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެ މައްސަލައިގެ އަދީބު އަށް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ގައެވެ. ހިޔާނާތުގެ ކުށް އަދީބުގެ މައްޗަށް ސާބިތުވީ އެރަށުން ލިބެން ޖެހޭ 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) ދައުލަތަށް ނުލިބި އޮތުމުންނެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، މިދިޔަ މަހުގެ ފަހުކޮޅު އެ ކޯޓުން ވަނީ ޖަލު ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ. ނަމަވެސް އެ މައްސަލަވެސް ހިމެނޭހެން އަދީބުގެ މައްސަލަތައް ނުބަލަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ހިޔާނާތުގެ މައްސަލަ އާއި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައި އޮތް 33 އަހަރުގެ ޖަލު ހުކުމް މިހާރު ވަނީ ބާތިލްކޮށްފައެވެ.