ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހެނދުނުގެ ނާސްތާ ދޭން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގައި ހުރި 213 ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭ ޕްރޮގްރާމު އަންނަ އަންގާރަ ދުވަހު ފެށޭނެ ކަމަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ދުވަހު ނާސްތާ ދޭ ގޮތަށް ކުރިން އޮތް ނަމަވެސް ދެވަނަ ޓާމުގެ ކިޔެވުން ފެށިފައި މިވަނީ ހަ ރޯދަ ތެރޭގަ އެވެ. މާދަމާ ހަ ރޯދަ ނިމޭއިރު އޭގެ އަނެއް ދުވަހު އެޕްރޮގްރާމު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށޭނެއެވެ.
ސްކޫލްތަކުގައި ކިޔަވާ ހެނދުނު ދަންފަޅީގެ ކުދިންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމަށްޓަކައި މިދިޔަ މެއި މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފަ އެވެ.
އަޖުމަ ބެލުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގައި ވަނީ އަތޮޅު ތެރެ އާއި މާލޭގެ ސްކޫލުތައް ހިމެނޭހެން 25 ސްކޫލަކަށް ކިޔަވަން އަންނަ 14720 ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދީފަ އެވެ. އަންގާރަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނާސްތާ ދޭން ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރު 70000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައި ވެސް ތައުލީމީ ދާއިރާއަށް އެހާ ބޮޑު ބަޖެޓެއް ކަނޑައެޅި ފުރަތަމަ ފަހެރެވެ.