މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 67އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކައިވެނި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 68 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 229 އަށް އަރާ ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ޕާޓީން މީހަކު ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ކްލަސްޓާއާ ގުޅުންހުރި 229 މީހުންގެ ތެރެއިން 71 މީހުންނަކީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ. އެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 262 ސާމްޕަލް ވަނީ ނަގާފައެވެ.
އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ބުނެފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޕާޓީ އަށް ދިޔަ މީހުންނާއި އެމީހުންގެ އާއިލާގެ މީހުންވެސް ހިމެނެއެވެ.
								
											


														
														
														
														
														
														