ސިވިލް ސާވިސް މުވައްޒަފުންނަށް މެޑިކަލް ސެޓްފިކެޓް (އެމްސީ) ނެތި ދެން ސަލާމް ބުނެވޭނީ އަހަރަކު 15 ދުވަހު ކަމަށް ނިންމައި ސިވިލް ސާވިސްގެ ގަވައިދު އިސްލާހުކޮށްފި އެެވެ.
ސިވިލްސާވިސް ކޮމިޝަނުން މިއަދު ގެޒެޓްކޮށްފައިވާ އެ އިސްލާހުތަކުގައި ބުނާ ގޮތުން، ބައްޔެއްގެ ސަބަބުން މަސައްކަތަށް ނުނިކުމެވޭ ސަބަބު ބަޔާންކޮށް، އެމްސީ ހުށަހެޅުމުން މެނުވީ، މުވައްޒަފަކަށް ކަނޑައެޅިފައިވާ 30 ދުވަހުގެ ސަލާމް ޗުއްޓީ ނުދެވޭނެއެވެ.
ނަމަވެސް، މުވައްޒަފު މަސައްކަތްކުރާ ކޮންމެ އަހަރަކަށް، އަހަރުދުވަހުގެ ތެރޭގައި 15 ފަނަރަ ދުވަސް މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ. އެހެން ނަމަވެސް، ވިދިވިދިގެން ސަލާމުގެ ޗުއްޓީގައި ހުންނަ މަސައްކަތު 2 ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް، އެ މުވައްޒަފަކު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު މެޑިކަލް ސެޓުފިކެޓު ހުށަހަޅަންވާނެކަމަށް ގަވާއިދުގައި ވެއެވެ.
ސިވިލް ސާވިސްގެ ގަވައިދު އިސްލާހުކޮށްފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސިވިލް ސާވިސްއިން ވަޒީފާ ހާއްސަކޮށް، އެފަދަ މީހުންނަށް ގިނަ ލުއިތަކެއްވަނީ ދީފައެވެ.
އެގޮތުން ސިވިލް ސާވިސްގެ ބައެއް މަގާމުތަކަކީ، ހަމައެކަނި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަގާމުތަކެއް ކަމުގައި ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ތެރެއިން ކަނޑައެޅުމަށް ހުރަހެއް ނެތްކަމުގައި ގަވާއިދުގައި ވެއެވެ.
އެއީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ވަޒީފާތަކަށް ކުރިމަތިލުމަށް މި ފަދަ
ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށާއި، ވަޒީފާގެ މާޙައުލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ފަދަ މާޙައުލަކަށް ހެދުމަށްޓަކައިކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ
މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، އަހަރަކު އިތުރު 30 ދުވަސް ދެވިދާނެކަމަށް ބުނެފައިވެއެވެ. އަދި ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާ ކުރާ މުވައްޒަފަކަށްވެސް މުސާރަ ލިބޭގޮތަށް، އަހަރަކު 30 ދުވަސް ދެވޭނެއެވެ.
އެ ފަރާތްތަކަށް 30 ދުވަހުގެ ޗުއްޓީ ދެވޭނީ ބައްޔެއް ނުވަތަ ފަރުވާއެއް ހޯދާ ފަރާތެއްކަން ބަޔާންކޮށްދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅުމުން ކަމަށާއި، ބޯން މެރޯ ހަދާ މުވައްޒަފުން، ރިކަވަރީ މުއްދަތުގައި ގޭގައި ހުރެގެން މަސައްކަތް ކުރަން އެދޭނަމަ މުވައްޒަފަށް ރިމޯޓުކޮށް މަސައްކަތްކުރުމުގެ އިންތިޒާމު އެ އޮފީހަކުން ހަމަޖައްސަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެ އެވެ.
މީގެ އިތުރުން، ޓާމިނަލް އިލްނެސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނާއި، ބޯން މެރޯ ނުވަތަ ގުނަވަނެއް ހަދިޔާ ކުރާ މުވައްޒަފުންނަށް، ސަލާމް ޗުއްޓީގެ އިތުރުން، މުސާރަ ލިބޭގޮތަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ގޮތުގައި އަހަރަކު އިތުރު 60 ދުވަސް ދެވިދާނެކަމަށް ގަވައިދުގައިވެއެވެ.
މި އިސްލާހުގައި މާނަކޮށްފައިވާގޮތުން ޓާމިނަލް އިލްނަސް އަކީ، ފުރާނަ ސަލާމަތް ކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަގުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީ ގޮތެއްގައި ހޭނެތިދާނެ ފަދަ ރަނގަޅުނުކުރެވޭ ފަދަ ބައްޔެއް ނުވަތަ ހާލަތެކެވެ.
ކްރޮނިކް ކޮންޑިޝަން މާނަކޮށްފައިވާ ހާލަތްތައް:
- ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ ތެލަސީމިއާ ބަލި ފަދަބައްޔެއް ހުރުން
 - ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބައްޔެއް ހުރުން
 - ނޮންރިވާސިބްލް ޕެތޮލޮޖިކަލް އަލްޓަރޭޝަނެއްގެ ސަބަބުން ކުރިމަތިވާ ބަޔެއް ހުރުން
 - ދިގުމުއްދަތަކަށް ސިއްހީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ބައްޔެއް ހުުރުން
 
ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގުމުއްދަތަކަށް ބޭސްފަރުވާކުރަންޖެހޭ މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާނަމަ، އެ މުވައްޒަފެއްގެ މަޤާމު ރިޒަރވްކުރުމާއި ނުކުރުމާމެދު އެ އިދާރާއަކުން ގޮތެއް ނިންމަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު 1 އަހަރާއި 6 މަސްދުވަހަށް ވުރެ އިތުރުވާ ނަމަ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
								
											


														
														
														
														
														
														