ސިވިލް މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ނިންމައިފި

ސިވިލް ސަރވިސް މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމެނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. މި ނިންމުން ވަނީ ބުދަ ދުވަހު އާންމުކުރި ސަރކިއުލާއެއްގައި އިއުލާނުކޮށްފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު ޚިދުމަތުގެ މުއްދަތު ގުނުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު، ދައުލަތުގެ އެހެން މުއައްސަސާތަކުގައި ކޮށްފައިވާ ޚިދުމަތުގެ މުއްދަތުވެސް ހިމެނޭނެއެވެ.

ކޮމިޝަނުން ހާމަކުރި ގޮތުގައި، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައް ކަމުގައިވާ އެސްޓީއޯ، އެމްޓީސީސީ، އެޗްޑީސީ، އެމްއޭސީއެލް އަދި އާރުޑީސީ ފަދަ ކުންފުނިތައް ހިމެނޭނެއެވެ. މި ކުންފުނިތަކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުން އެތަންތާނގައި ހޭދަކުރި މުއްދަތު ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރާއިރު ގުނޭނެއެވެ.

މި ބަދަލާ ގުޅިގެން، މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުން އެކަން އަންގަން ޖެހޭނެއެވެ. މި މަޢުލޫމާތު އަދާހަމަކުރުމަށް ވަނީ ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބައި މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

މީގެއިތުރުން، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ކޮމިޝަނާއި ކޮމިޝަނުގެ އިދާރާތަކާ ގުޅޭ ޝަކުވާތަކާއި މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއްވެސް ޤާއިމްކޮށްފައެވެ. މި ޚިދުމަތް ލިބިގަނެވޭނީ އީ-ފާސް އެކައުންޓް މެދުވެރިކޮށް ވަދެވޭ "މައިއެކައުންޓް" އިންނެވެ. މި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާއި އޭގެ ޕްރޮގްރެސް ބެލޭނެ ކަމަށް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ