ރާއްޖެއިން ކޮވިޑް-19 އަށް ވެކްސިން ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކުރަނީ

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ގަންނަން ނިންމައި އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރަން ނިންމައި އެކަން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓަރީން މިއަދު އާންމު ކުރެއްވި މާލިއްޔަތާބެހޭ ޤަރާރު ގައި ވާގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އުފައްދާފައިވާ ވެކްސިން ގަތުމަށް ދިވެހި ސަރުކާރުން "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ"އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަން ވަނީ ނިންމަވާފައެވެ.

ފިނޭންސް މިނިސްޓަރު އިބާރްހިމް އަމީރު ސޮއިކުރައްވާ ނެރިފައިވާ ޤަރާރުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގެވެކްސިންއަކީ މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިންއެއް ކަމަށާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމަށެވެ. އެހެންކަމުން ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިންއަކީ ރައްކާތެރި ވެކްސިންއެއް ކަމަށް ކަނޑައަޅައި އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެޔާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ) އިއްޔެގެ ވަގުތެއްގައި ވަނީ އެ ވެކްސިން އާންމުންނަށް ދޭން ހުއްދަ ދީފަ އެވެ.

ވެކްސިން ގަތުމުގެއެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި މާލިއްޔަތު ގަވާއިދުގައި ބުނާ ބައެއް އުސޫލުތަކަށް އަމަލުކުރުން ނުޖެހޭ ގޮތަށް ވަނީ ހަމަޖެއްސާފައެވެ.

 އަމަލު ކުރަން ނުޖެހޭގޮތަށް ނިންމި މާލިއްޔަތު ގަވައިދުގެ މާއްދާތަކަކީ:

(ހ) މާލިއްޔަތު ގަވައިދުގެ 10.43 ވަނަ މާއްދާ

(ށ) މާލިއްޔަތު ގަވައިދުގެ 10.52 ވަނަ މާއްދާ

(ނ) މާލިއްޔަތު ގަވައިދުގެ 10.67 ވަނަ މާއްދާ

(ރ) މާލިއްޔަތު ގަވައިދުގެ 10.71 ވަނަ މާއްދާ

މި ޤަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމާއި، އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް ޤަރާރުގައި ވެއެވެ

"އެ އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އެ ޚަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ޚާއްޞަ ސަމާލުކަމެއް ދީގެން ބެލުމަށް އަންގަން" މިނިސްޓަރުގެ ޤަރާރުގައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައިވާއިރު އޮކްސްފޯޑު ވެކްސިންގެ ޑޯޒްއެއްގެ އަގަކީ 61.68 ރުފިޔާ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ