ޏ. ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢު 30 ޑިސެމްބަރ 2020 ވަނަ ދުވަހު ނިމިއްޖެކަމަށް މޮލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 2950 މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 4425 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ކޮންކްރީޓް ގައު އެތުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 37.19 މިލިއަން ރުފިޔާގެ އަގު ބޮޑު މަޝްރޫއެކެވެ.
ފުވައްމުލަކުގެ ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މީގެއިތުރުން އެމްޓީސީސީން ގެންދަނީ ފުވައްމުލަކުގެ އެތެރޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.