ޓިކްޓޮކާއި ދެކޮޅަށް އުމުރުން 12 އަހަރުގެ ކުއްޖަކު ދައުވާކުރަނީ

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެޕްލިކޭޝަނާއި ދެކޮޅަށް އިނގިރޭސިވިލާތުގެ އުމުރުން 12 އަހަރުގެ ކުއްޖަކު ދައުވާ ކުރަން ނިންމައިފިއެވެ.

ކާކުކަން ހާމަކުރަން ބޭނުން ނުވާ އުމުރުން 12 އަހަރުގެ މިކުއްޖާ ޓިކްޓޮކް އެޕްލިކޭޝަނާއި ދެކޮޅަށް ދައުވާކުރަން ނިންމައިފައިވަނީ އެ އެޕްލިކޭޝަނުން ކުޑަކުދިން މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށެވެ.

މިމައްސަލައިގައި އިނގިރޭސިވިލާތުގެ ޗިލްޑްރެންސް ކޮމިޝަނަރ އޭން ލޯންގްފީލްޑް ވިދާޅުވެފައިވަނީ، ޓިކްޓޮކް އެޕްލިކޭޝަނުން އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން މައުލޫމާތު ހިމާޔަތް ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ހިލާފުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޓިކްޓޮކް އެޕްލިކޭޝަނުން ބުނެފައިވަނީ، ކުޑަކުދިންގެ މައުލޫމާތު ރައްކާތެރިކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށްފައިވާ ކަމަށާއި އުމުރުން 13 އަހަރުން ދަށުގެ ކުދިން ޓިކްޓޮކް އެޕްލިކޭޝަންގައި އެކައުންޓު ހުޅުވުން ހުއްދަނުކުރާ ކަމަށެވެ.

2019 ވަނަ އަހަރު އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަނުން ޓިކްޓޮކް އެޕްލިކޭޝަނުން ކުޑަކުދިންގެ މައުލޫމާތު ބަލަހައްޓާ ގޮތުގެ މައްސަލައެއްގައި އެ އެޕްލިކޭޝަންވަނީ 5.7 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އަދި މިފަދަ އެހެން މައްސަލައެއްގައި ދެކުނު ކޮރެއާއިންވެސްވަނީ ޓިކްޓޮކް އެޕްލިކޭޝަން ޖޫރިމަނާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ