އެމް.ޕީ.އެލްގެ ހިޔާ ފުލެޓް ލިބޭ މުވައްޒަފުންގެ ލިސްޓް އާއްމުކޮށްފި

ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓްތައް ލިބޭ އެ ކުންފުނީގެ މުވައްޒަފުންގެ ދާއިމީ ލިސްޓު އިއުލާނުކޮށްފިއެވެ.

އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކުންފުނީގެ ފްލެޓް ލިސްޓު ހުރިހާ މުވައްޒަފުންނަށް ފެންނަހެން އާންމުކޮށްފައިވާ ކަމަށެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓު ގަންނަން ތިން ގޮތެއް އޮވެއެވެ. އެއީ އެކީ އެއްފަހަރާ ފައިސާ ދެއްކުން، ނުވަތަ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުން، ނުވަތަ ބޭންކް ނޫނީ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ.

އެކީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކުން ތިން މަސް ތެރޭގައި ފައިސާ ދައްކަން ޖެހޭ އިރު ފްލެޓުގެ އަގުން ހަތް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން އަގުގެ 20 ޕަސެންޓު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. ބޭންކް ނޫނީ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖައްސަން ބޭނުންނަމަ ލިޔެކިޔުން ފުރިހަމަ ކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްގެ ފްލެޓުތައް ދިނުމަށް 2018ގައި ވަގުތީ ލިސްޓެއް އާންމު ކުރިއެވެ. ނަމަވެސް، މި ސަރުކާރުގައި އެ ލިސްޓު ބާތިލުކޮށް އަލުން އެކުލަވާލީ އެވެ. އެމްޕީއެލްއިން މިއަދު ބުނީ މި ސަރުކާރުގައި ހަވާލުވި މެނޭޖްމަންޓުން ފްލެޓުތައް ދިނުމުގައި ޕޮއިންޓު ދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން ފްލެޓުތައް ދިނުމަށްޓަކައި އޭރުގެ ވަގުތީ ލިސްޓު ކެންސަލްކޮށް އަލުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލި ކަމަށެވެ. އަދި އެޕްލިކޭޝަން ހަވާލުކުރުމާއެކު ވަގުތުން ދޫކުރެވޭ ސްލިޕުގައި ލިބޭ މާކްސް ހިމެނިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނީ ވަގުތީ ލިސްޓު އިއުލާނުކުރުމަށްފަހު ޝަކުވާއަށް އެކަށީގެންވާ ވަގުތު ދީ، ހުށަހެޅުނު ޝަކުވާތައް ވެސް ބަލާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ތިން އިމާރާތް އަޅައެވެ. 566.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ އިމާރާތްތަކުގައި ހުންނަނީ އެއް ކޮޓަރީގެ 204 ފްލެޓާއި ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލްގެ އިމާރާތްތައް ނިންމަން ހަމަޖެހިފައި އޮތީ މި އަހަރުގެ ސެޕްޓޭމްބަރު މަހަށެވެ. ނަމަވެސް، ކޮވިޑްއާ ހެދި އެ މަޝްރޫއު ނިންމުން 2021ގެ އޮގަސްޓަށް ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ މިހާތަނަށް މަޝްރޫއުގެ 63 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ