މިދިޔަ މަހު އެމްޕީއެލުން ކްލިއަރކުރި ކޮންޓެއިނަރުތަކުގެ އަދަދު އިތުރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ އޮގަސްޓް މަހު ކްލިއަރކުރި ކޮންޓެއިނަރުތަކުގެ އަދަދު ވަނީ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތަ އިތުރުވެފައެވެ. އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓް މަހު އެކުންފުނިން ވަނީ 6،663 ޓީއީޔޫސް ކްލިއަރކޮށްފައެވެ.

އޮގަސްޓް މަހު ކްލިއަރކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެއެވެ. މިއީ ޖުލައި މަހު ކްލިއަރކުރި 6،320 ޓީއީޔޫސްއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ޖުލައި މަހު ކްލިއަރކޮށްފައިވަނީ 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 71،037 ޓަނުގެ ބިހާއި، 55،581 ޓަނުގެ ފިޔާ، 31،966 ޓަނުގެ ކަރާ އަދި 24،225 ޓަނުގެ އަލުވި ކްލިއަރކޮށްފައިވެއެވެ.

ދުވާލެއްގެ މައްޗަށް ބަލާއިރު، އޮގަސްޓް މަހު އެވްރެޖްކޮށް 155 ކޮންޓެއިނަރ ކްލިއަރކޮށްފައިވާއިރު، މިއީ ޖުލައި މަހު ދުވާލަކަށް ކްލިއަރކުރި އެވްރެޖް 145 ކޮންޓެއިނަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަލުވިކުރުމަށް އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. މިއީ މުދާ ކްލިއަރކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ