ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރާނީ އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި

އަންނަ މަހުގެ 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކުރައްވައިފިއެވެ.

އެމްޕީއެލްއިން ވިދާޅުވި ގޮތުގައި، ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކުރުމަށް ނިންމައި، މި މަހު ތެރޭގައި އެކަން އިޢުލާންކޮށްފައިވެއެވެ. މި ބަދަލާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތް އަވަސްވެ، އާންމުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.

މި ކިޔުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ކިޔުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން މާލެ ކޮމާޝަލް ހާބަރު ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން، އެމްސީއެޗް ކިޔުއިން ވަކިވުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ.

އެމްޕީއެލްއިން ކަނޑައަޅާފައިވާ އިތުރު ޝަރުޠުތަކުގެ ތެރޭގައި، ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށްވުމާއި، އޭ ޒޯންގައި ރަޖިސްޓްރީކުރެވިފައިވާ ވެހިކަލަކަށްވުން ހިމެނެއެވެ. އަދި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަށް ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ.

އެމްޕީއެލްއިން މި ގެންނަ ބަދަލަކީ، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އަޅާ އިތުރު ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ