ފޮޓޯ: ވަގުތު

ހަރުކަށި ފިކުރުގެ މީހުންގެ ރިޕޯޓް ލިޔުނު ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފި

ހަރުކަށި ފިކުރުގެ މީހުންގެ ރިޕޯޓް ލިޔުނު "ވަގުތު" ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފިއެވެ.

"އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި "ވަގުތު" ނޫހުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން ސޯޝަލް މީޑިއާގައި "ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުން އަންނަކަމަށް އެ ނޫހުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެ އެސޯސިއޭޝަން އިން ވިދާޅުވިއެވެ.

"އުކެނީ ކުޅަނދުރު ހަތަޔަށް އޮށްގާކަން ދަނެތިބެ ކުރިޔަށް ގެންދާށޭ! ތިޔަ ރޯކުރި ހުޅުގަނޑު ނިއްވާލަން ގާމޭ މިފަހަރު އުނދަގޫވާނޭ" ވަގުތު ނޫހުން ޝާއިއުކުރި ލިޔުމާ ގުޅިގެން ސޯޝަލް މީޑިއާގައި އިންޒާރުދީ ލިޔެފައިވާކަމަށް ބެލެވޭ ޕޯސްޓްގައިވެއެވެ.

މަރުގެ އިންޒާރުދީފައިވާ މައްސަލަ ޖާނަލިސްޓް އެސޯސިއޭޝަންއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށް އެ މައްސަލަ ވީހާ ވެސް އަވަހަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލައްވާފައެވެ.

އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފަތުރަމުންދާ 50 އެއްހާ މީހުން އެބަތިބި ކަމަށް އޮންލައިން ނޫސް ވަގުތުން ބުނެފައިވެއެވެ. ވަގުތު ނޫހުން މިހެން ބުނެފައިވަނީ އެ ނޫހުގެ "ވަގުތު 26 ތަހުގީގު" ޓީމުން އައްޑޫގައި ކުރިއަށް ގެންދިޔަ ތަހުގީގު ތަކަކަށް ފަހުގައެވެ.

އެ ނޫހުން އިތުރަށް ބުނެފައިވަނީ، މީހުންނާ ސުވާލުކޮށްގެންނާއި ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހޯދާފައިވާ ގޮތުގައި އައްޑޫ ސިޓީގައި މި ވަގުތު "އެކްޓިވް" ކޮށް ހަރަކާތްތެރިވާ ހަރުކަށި ފިކުރު ފަތުރަން ތިބި 50 އެއްހާ މީހުންނަކީ ފިރިހެނުންކަމަށެވެ. އެއިން ގިނަ ބަޔަކު ނިސްބަތް ވަނީ ހިތަދޫއަށްކަމަށާއި، ހިތަދޫގައި ގާތްގަނޑަކަށް 30 މީހުން ތިބިއިރު، ހިތަދޫއާ ގުޅިފައިވާ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގައި ވެސް 20 މީހުން އެބަ ތިއްބިކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އައްޑޫގައި ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކޮށްފައި ވަނީ މާލެއިން އެކަމަށް ޚާއްސަ ކުރެވިގެން އައްޑޫއަށް ދަތުރު ކުރި ޓީމަކުން ކަންވެސް ވަގުތަށް އިނގިފައިވާ ކަމަށާއި މި ޓީމުން ވަނީ އައްޑޫގައި އުޅޭ މިކަމުގެ އިސް މީހުންނާއި ބައްދަލުކޮށް މި ފިކުރު އިތުރަށް ފަތުރައި މީހުން އިތުރު ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ރޭވުންތައް ރާވާފައި ކަމަށްވެސް އެނޫހުން ބުނެފައި ވެއެވެ.

ޓެރަރިސްޓު ޖަމާއަތްތަކަށް ބައިއަތު ހިފައި މީހުން މަރާލަން ފަސްނުޖެހޭ 1400 މީހަކު ރާއްޖޭގައި އެބައުޅޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. ހަރުކަށި މީހުން ހޯދައިގަން އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ މިހާރުވެސް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ