ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް އިން ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތަތީވެ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފައިވާ ކަމަށެވެ.
2020 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރެއަށް ހަމަވާއިރު މިއީ އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ މިނިސްޓަރު ކަމުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި ދެވަނަ ފަހަރެވެ.
މިނިސްޓަރ ނަސީމް ސޮއިކުރައްވާ މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ވަގުތާ ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށްވަނީ އަންގައިފައި ކަމަށެވެ.




