ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ގެ ވަލީ އަޙްދު ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިޔަށް ގޮސްފައި ވަނީ އަބޫދާބީގެ ވަލީ އަޙްދުގެ ގަނޑުވަރުގައި މިއަދު ހެންދުނުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި މި ދެބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ކޮވިޑް-19 ގެ ބަލި މަޑުކަމަކާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވާފައެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތުގައި އެހެން ޤައުމުތަކުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ޔޫއޭއީއިން ދައްކަމުން އަންނަ ލީޑަރޝިޕް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި މަސައްކަތުގައި އެ ޤައުމުން ޓެކްނޮލޮޖީގެ ބޭނުން ކުރަމުންއަންނަ ގޮތް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ޤައުމުގެ އެހީތެރިކަމާއެކު ރާއްޖޭގައ ކުރިޔަށްދާ މަޝްރޫޢުތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އަބޫދާބީގެ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނާތީ ރައީސް ވަނީ އެކަމުގެ އަގު ވަޒަން ކުރައްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި މަސްވެރިކަމަށާއި ކާނާގެ ރައްކާތެރިކަމަށާއި ޓްރާންސްޕޯޓްގެ އިތުރުން ޓޫރިޒަމް ދާއިރާގައި މިހާރު ކުރެވެމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވަލީ އަޙްދު ވަނީ ދެއްވާފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެ ޤައުމުން އެހީތެރިވެދޭނެ ކަމުގައިވެސް ވަލީއަޙްދު ވިދާޅުވިއެވެ.
ޔޫއޭއީ އިން އަންނަނީ 1970 އިން ފެށިގެން ރާއްޖޭގެ ތަރައްޤީގެ މުޙިންމު ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެޤައުމުން ވަނީ ދާދި ފަހުންވެސް މިދިޔަ އަހަރުގެ މާރިޗު 9 ގައި ރާއްޖޭގެ ބަޖެޓް ސަޕޯޓްއެއްގެ ގޮތުން 50މިލިއަން ޑިލަރުގެ ހިލޭ އެހީދިނުމަށް އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.
މީގެ އިތުރުންވެސް ވެލާނާ އިންޓަނޭޝަނަށް އެއަރޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައިވެސް އެ ޤައުމުން ވަނީ ބޮޑު އެހީތެރިކަމެއް ވެދެއްވާފައެވެ.




