އިންޑިއާއިން ކޮވިޑް-19ގެ ވެކްސިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެހެން ގައުމުތަކަށް ފޯރުކޮށްދޭން ފަށާނެކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވިޑް-19 ވެކްސިން، ކޮވެކްސިނަށް އިންޑިއާ އިން ހުއްދަ ދިނީ އާދިއްތަ ދުވަހުއެވެ. އަދި އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނަށް ވެސް އިންޑިއާ އިންވަނީ ހުއްދަ ދީފައެވެ. އޮކްސްފޯޑުގެ ވެކްސިން ވަނީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދަން ފަށައިފައެވެ.
ބައިނަލްއަގްވާމީ ގޮތުން ވެކްސިން އުފައްދާ ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ ވެކްސިންތަކުގެ 60 އިންސައްތަ އުފައްދާ ގައުމެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރަން ފަށާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭނެ ގައުމުތަކުގެ ގޮތުގައި ނިންމައިފައިވަނީ އަވަށްޓެރި ގައުމުތަކެވެ. މިގޮތުން ވެކްސިންގެ ވަކި އިންސައްތައެއް ހިލޭ ފޮރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ބާކީ ބައި ވަރަށް ކުޑަ އަގެއްގައި ފޯރުކޮށްދޭނެކަމަށް އެގައުމުން މައުލޫމާތު ދެއެވެ.



