ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓްގައި ކުރިއަށް ދާތީ، ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވެ އިހްތިޖާޖު ކުރަމުން ދަނިކޮށް، އެތަނުން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޕީޕީއެމްގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ކްރިމިނަލް ކޯޓް ބޭރުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ހަމަހިމޭން އިހްތިޖާޖެއް ކުރަމުން ދަނިކޮށް ފުލުހުން އިހްތިޖާޖުގެ ބައިވެރިންގެ ތެރެއިން 6 މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހުންގެ ތެރޭގައި، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް އާއި ޕީޕީއެމް ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އަދި ޕީޕީއެމް ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ ހިމެނެއެވެ.
މިހާރު ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޕީޖީ އިން ވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލްކޯޓުގައި އެދެފިއެވެ.




