ވެލާނާގެ، ފޮޓޯ: މުހައްމަދު ޝަރުހާން

ކޯސް ތަކަށް ދޫކުރާ މުވައްޒަފުން ފާސްނުވިނަމަ ވަޒީފާއިން ވަކި ކުރަނީ

ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީންނެއް ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެނަމަ ވަޒީފާއިން ވަކިކޮށް ތަމްރީން ކުރުމަށް ކުރެވުނު ޚަރަދު އަނބުރާ ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އިއްޔެ ވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ތަމްރީނުތަކަށް ވީއްލާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތް ބަޔާންކޮށް ސަރކިއުލަރއެއް ނެރެފައެވެ.

މި ސަރކިއުލަރގައި ބުނެފައިވާ ގޮތުން ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދޭނެއެވެ.

ނަމަވެސް ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަޤާމަށް ރުޖޫޢަކުރެވޭނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ހަމައެހެންމެ މަތީ މަޤާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަޤާމަށް ވަޒީފާ މަޖެއްސުމަށާއި،
އަދި އެ މަޤާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަޤާމާއެއް ރޭންކެއްގެ މަޤާމަކަށް ވަޒީފާ ހަމަޖެއްސޭނެކަމުގައިވެސް ވަނީ ބުނެފައެވެ.

ނަމަވެސް މި ހާލަތްތަކުގައިވެސް، އެ މުވައްޒަފަކަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ޚަރަދު އަނބުރާ ދައްކަންޖެހޭނެއެވެ.

އެގޮތުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސަރވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ޚަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ޚަރަދުކުރި މުއްދަތަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްއަށް ޚިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ޚިދުމަތްކުރާ ގޮތަށް ހަމަޖެއްސޭނެއެވެ.

މީގެ އިތުރުން ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ޚަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދުނަންވާނެކަމުގައިވެސް މި ސަރކިއުލަރގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ