ﷲގެ ސުންނަތަށް ބަދަލެއް ނާދެއެވެ!

ދަތި ދުވަސްތަކަކަށްފަހު އުފާވެރިކަން އާދެއެވެ. ދެން މީސްތަކުން ޝުކުރުކުރެއެވެ. އިސާހިނދަކު ހަނދާނުން ކައްސާލައެވެ. އަނެއްކާ ކުފުރުވެރިކަން އޭނާ ވަށާލައެވެ. ދެން ހަނދާންކޮށްދޭ ހަނދާން ކޮށްދިނުމެއްކަމުގައި މުޞިބާތް އައިސް ކުރިމަތިވެއެވެ.

އިންސާނިއްޔަތު މިހާރު މިވަނީ އެފަދަ ޙާލަތެއްގައެވެ. މިއަދު އެންމެ ހިތްދަތިވާ އެއްކަމަކީ ބައެއްކަހަލަ އަޅުކަން ކުރުމުގެ ފުރުޞަތު ގެއްލިފައިވުމެވެ. ފެތުރިފައިވާ ބަލިމަޑުކަމުން އަރައިގަނެ އާއްމު ދިރިއުޅުމަށް މީސްތަކުން ނިކުންނަން ފަށާފައިވާއިރު، އިންތިޒާރުކުރެވެނީ މިސްކިތްތަކުގައި އަޅުކަން ފުރުހަމަށް އަދާކުރެވޭނެ ދުވަހަކަށެވެ. ޤުރްއާން ކިލާސްތަކަށް ގޮސްއައިސް އުޅެވޭނެ ދުވަހަކަށެވެ. މައްކާގެ ބިމަށްގޮސް ޙައްޖުވެވޭނެ މޫސުމަކަށެވެ. ކުޑަމިނުން ޢުމްރާގެ ދަތުރުތަށް ފެށޭނޭ ވަގުތަކަށެވެ. ﷲގެ ވާގިފުޅާއި ރަޙުމަތުން މިކަންކަންވެސް ދާތި އަވަހަށް ފެށިދާނެއެވެ. އައު ފެށުމަކުން އައު ޙަޔާތަކަށް އަލި ކުރުވާހެން އައު ދިރިއުޅުމަކަށް މީސްތަކުން ހޭލަމުން އަންނައިރު މާޒީގެ ފިލާވަޅުތަކުން ޢިބުރަތް ޙާޞިލް ކުރާނީ ބުއްދިވެރިންނެވެ.

މުސްލިމުންގެ ދުސްތުރު ކަމުގައިވާ ކީރިތި ޤުރްއާނުގައި ފިލާވަޅު ލިބިގަނެވޭނެ މާޒީގެ އެތައް ފިލާވަޅެއް ވެއެވެ. އެގޮތުން އައްނަޙްލު ސޫރަތުގައި ﷲވަނީ އެފަދަ އިބުރަތްތެރި މިސާލެއް އިންސާނުންނަށް ޓަކައި ގެންނަވާފައެވެ.

وَضَرَبَ اللَّهُ مَثَلاً قَرْيَةً كَانَتْ آمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ (النحل: 112). އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّه ގެ نعمة ތަކަށް އެ ރަށުގެ މީހުން كافر ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ.

މިއީ ދުނިޔޭގެ ސުއްނަތެވެ. ﷲތަޢާލާ ގެ ސުންތަށް ބަދަލުއަންނާތީ ތިބާއަށް ނުފެންނާނެއެވެ. އެހެނަސް މަދު އިންސާނަކު ނޫނީ އެކަން ހަނދާނެއް ނުހުރެއެވެ. މިކަމަށް އިޝާރާތްދެމުން ﷲ ވަޙީކުރައްވަނީ سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلاً (الفتح: 23). މާނައީ:- "(އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلاً (الأحزاب: 62). މާނައީ:- "(އެއީ) އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

اسْتِكْبَارًا فِي الأَرْضِ وَمَكْرَ السَّيِّئِ وَلاَ يَحِيقُ الْمَكْرُ السَّيِّئُ إِلاَّ بِأَهْلِهِ فَهَلْ يَنْظُرُونَ إِلاَّ سُنَّةَ الأَوَّلِينَ فَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلاً وَلَنْ تَجِدَ لِسُنَّةِ اللَّهِ تَحْوِيلاً (فاطر: 43). މާނައީ:- ")އެއީ) ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ، އިސްވެދިޔަ މީހުންނާމެދު، اللَّه ކަންހިންގެވިގޮތަށް މެނުވީ އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، اللَّه، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި اللَّه، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

ﷲ ތަޢާލާގެ ސުންނަތަކަށް ބަދަލެއް ނާންނާނެއެވެ. ބަދަލު ކުރަންވީ އަޅުގަނޑުމެންގެ ދިރިއުޅުމެވެ. އަކަމަށްޓަކައި ކީރިތި ޤުރްއާނުގެ ފިލާވަޅުތަކުން ދަރުސް ލިބިގަންނާށެވެ! ރަސޫލު ﷲ ﷺގެ ސުންނަތުގައި ހިފަހައްޓާށެވެ! އެއަށް ޢަމަލު ކުރުމާއެކު، ތިބާފަދަ އެހެން ބަޔަކަށްވެސް ހެޔޮގޮތް ކިޔައިދޭށެވެ! ޢަމަލު ކުރުމާއި ހެޔޮކަންކަމަށް ވަޞިއްޔަތް ކުރުމުގެ މައްޗަށް ކެތްތެރިވާށެވެ! އަމާން ކަމުގެ ގޮވައްޗަށް ވަދެވޭ ބަޔަކު ކަމުގައި ވުމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ