2020 ޑިސެންބަރު 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ 14 ދުވަސްވަންދެން ކަރަންޓީން ވާން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަންގައިފިއެވެ.
އެ ސެންޓަރުން މި ގޮތަށް އަންގާފައި މިވަނީ ދެއްވަދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.
އެގޮތުން އެރަށުން ވަނީ 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެރަށުން ލ. ފޮނަދޫއަށް ދަތުރު ކުރި 4 މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒޮޓިވް ވެފައެވެ.
އެޗްއީއޯސީ އިން ވިދާޅުވެފައި ވަނީ 30 ނޮވެންބަރު 2020 ގެ ފަހުން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގއ. ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށާއި ދެއްވަދޫއިން މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް އެދޭކަމަށެވެ.
މީގެ އިތުރުން 30 ނޮވެމްބަރ 2020ގެ ފަހު ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ވަޑައިގެން ސާމްޕަލް ނެންގެވުމަށާއި އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށްވެސް ވަނީ ދަންނަވާފައެވެ.
މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ.
30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުތުމަށް އެ ސެންޓަރުން ދަންނަވާފައިވެއެވެ.
ހަމައެހެންމެ 2010 ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެކަމުގައިވެސް ދަންނަވާފައިވެއެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށް އެޗްއީއޯސީ އިން ވަނީ ދަންނަވާފައެވެ.




