ގއ. ދެއްވަދޫގައި ކުރިންވެސް ނުރައްކާތެރި ކޮވިޑް 19 ވައިރަސް ދިޔައީ ފެތުރެމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ދެއްވަދޫއިން ރެޔާއި ހަމައަށް ވަނީ ނުރައްކާތެރި ކޮވިޑަށް 22 މީހުން ޕޮޒިޓިވްވެފައެވެ. ދެއްވަދޫ ކޮވިޑް ކްލާސްޓާއާއި ގުޅޭ ދެމީހަކު ހުޅުމާލެއިން ޕޮޒިޓިވްވެފައިވާއިރު، ހަމަ އެ ކްލަސްޓާއާއި ގުޅޭ 4 މީހަކު ވަނީ ލ.ފޮނަދޫ އިންވެސް ޕޮޒިޓިވްވެފައެވެ.
ރޭ އެޗްއީއޯސީ އިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލަވުމުގައި ވާހަކަދައްކަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު، ދެއްވަދުއިން މާ ކުރިން ކޮވިޑް ފެތުރިފައިވާކަން އެނގޭ ކަމަށެވެ.
ދެއްވަދޫގައި ބަލި ފެތުރޭތާ ދުވަސްކޮޅެއް ވެފައިވާ ކަން ފާހަގަކުރެއްވިނަވެސް އެޗްއީއޯސީ އަދި ވަނީ އެރަށުގައި ބަލިފެތުރުނު ގޮތް ހޯދުމުގައި ނާކާމިޔާބުވެފައެވެ.
ދެއްވަދޫ ކްލާސްޓާއާ ގުޅުންހުރި 149 ކޮންޓެކްޓުން މިހާތަނަށް ވަނީ ހޯދާފަ އެވެ. އަދި އޭގެތެރެއިން ހައި ރިސްކް ކެޓަގަރީގެ 55 މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީން ބުންޏެވެ.




