ހޮނިހިރު ދުވަހު އިންޑިއާގައި ކޮވިޑް ވެކްސިން ދޭންފަށަނީ

ޖުނުއަރީ 16 ވާ ހޮނިހިރު ދުވަހު އިންޑިއާގައި ކޮވިޑް-19 ވެކްސިން ދޭންފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ، މިއީ ވަރަށް ފާހަގަ ކޮށްލެވޭ ފިޔަވަޅެއް ކަމަށާއި ޖުލައިމަސް ނިމުމުގެ ކުރިން އިންޑިއާގެ އާބާދީގެ 300 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ފުރަތަމަ އިންޑިއާގައި ވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނަށާއި އަދި ފުރޮންޓްލައިންގެ މަސައްކަތް ތެރިންނަށެވެ.

އިންޑިއާއަކީ މުޅި ދުނިޔެއިންވެސް ދެވަނައަށް އެންމެ ގިނަ އަދަދަކަށް މިބައްޔަށް މީހުން ޕޮޒިޓިވުވި ގައުމެވެ. އިންޑިއާއިން ކޮވިޑް-19 އަށް 10.3 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 150،000 ގާތްކުރާ އަދަދަކަށް މީހުންވަނީ މަރުވެފައެވެ.

އިންޑިއާގެ ޑުރަގް ރެގިއުލޭޓަރ އިންވަނީ ކޮވިޑް-19ގެ ދެ ވެކްސިނަކަށް މިހާތަނަށް ހުއްދަ ދީފައެވެ. މި ދެ ވެކްސިނަކީ އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވިޑް-19 ވެކްސިނާއި އަދި އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ