ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ގިނަ ބައެއްގެ ހިތްތަކުގައި ރަސްކަން ކުރަމުން ދިޔައީ ކަލަރސް ޓީވީ އިން ގެނެސްދޭ ރިއަލިޓީ ޝޯ ބިގްބޮސް 14 އެވެ. އެގޮތުން ބިގްބޮސްގެ ސީޒަން ތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލް ޓީވީ ރިއަލިޓީ ޝޯއެކެވެ.
ބިގްބޮސް 14 ގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ބޮޑަށް ލޯބިވެވުނު ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ޖޭސްމިން ބާސިން މިވަނީ ރޭ ކުރިއަށް ދިޔަ " ވީކްއެންޑް ކަ ވާރް" ގައި ޝޯއާއި ވަކިވެފައެވެ.
ބެލުންތެރިންގެ ފަރާތުން އެންމެ މަދު ވޯޓް ލިބުމުގެ ސަބަބުން ޖޭސްމިން ޝޯއިން ވަކިވާން ޖެހޭކަން އިއުލާންކޮށް ނިމުނުއިރު ޝޯގެ ހޯސްޓް ކަމަށްވާ ބޮލީވުޑްގެ މެގަސްޓާ ސަލްމާން ހާން އަށްވެސް ހުރީ ރޮވިފައެވެ. ޖޭސްމިން ޝޯ އިން ވަކިވުމުން، ބިގްބޮސްގެ ބައިވެރިއެއްގެ ގޮތުގައި މިވަގުތު ވެސް ހުރި ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ތަރި އަލީ ގޮނީ ވެސް ވަނީ ވަރަށް ރޮއެފައެވެ.
ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ ޖޭސްމިން ޝޯގެ ގަދަ 4 އަކުން ޖާގަ ހޯދާނެ ކަމަށެވެ. އެހެންނަމަވެސް ރޭގެ ޝޯގައި ޖޭސްމިން ވަކިވެގެންދިޔައީ ގިނަ ބަޔަކު ރޮއްވާލައިފައެވެ. މިދިޔަ ހަފްތާ ޖޭސްމިން އާއިއެކު ޝޯއިން ވަކިވާން ނޮމިނޭޓް ވެފައިވަނީ ރުބިނާ ދިލައިކް، އަލީ ގޮނީ އަދި އަބިނަވް ޝުކްލާ އެވެ.




