މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަހުމަދު ފައުޒަންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލްތަކުގައި 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވިގޮތުގައި މި ސުކޫތަކީ އަހުމަދު ފައުޒަން އެންމެ ފަހު ވަގުތުވެސް ދެއްކި ހިތްވަރުގެ ހަނދާން އައުކޮށް، އަހުމަދު ފައުޒަނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމަށްޓަކައި، ހުރިހާ ސްކޫލްތަކުން ހިއްސާކުރެވުނު ޚާއްސަ އެއްމިނެޓެވެ.
އަހުމަދު ފައުޒަންއަކީ އެންމެނާވެސް ގުޅިގެންއުޅޭ، ސްކޫލްދަރިވަރުންގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދި ފުވައްމުލަކު ސްކޫލަށް ނުހަނު މުހިއްމު، އަޚުލާގު ރަނގަޅު ދަރިވަރެކެވެ. ފައުޒަން ވަކިވެގެންދިޔައީ، ތިމާގެ އަމިއްލަ ފުރާނައަށްވުރެ، އަނެކުންނަށް އެހީތެރިވުމާއި އަނެކުންގެ ހިތާމަތައް ފިލުވައިދިނުމަށް އަބަދުވެސް އިސްކަންދިނުން މުހިއްމުކަން ޢަމަލުން ދައްކަމުންނެވެ.
މަޢުލޫމަތު ލިބޭގޮތުގައި އުމުރުން 17 އަހަރުގެ ފައުޒަން ގެއްލުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދުގެ މޫދު ސަރަހައްދުން އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއް ސަލާމްތަ ކުރަން އުޅެނިކޮށެވެ.
ފައުޒާން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 4:47 ހާއިރު އެވެ. އަދި ފެނިފައި ވަނީ 5:50 ހާއިރު ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. ފައުޒަން ފެނުނީ އޭނާ މޫދަށް ފުންމާލި ދިމާ މޫދު އަޑީގައި ފަރުގައި ތާށިވެފައި އޮއްވައެވެ.
މާތްﷲ އަހުމަދު ފައުޒަންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން.




