އަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް ތިރީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިނިސްޓްރީ އޮޮފް ޓޫރިޒަމްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކައިގޮތުން މިހިނގާ ޖެނުއަރީމަހުގެ ފުރަތަމަ 10 ދުވަހު 30،644 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ރަޝިއަން ފެޑަރޭޝަން އިންނެވެ. އެގޮތުން ރަޝިއަން ފެޑަރޭޝަން އިން 8،761 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ އިންޑިއާއިން 3،908 ފަތުރުވެރިންވަނީ ޒިޔާރާތް ކޮށްފައިވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫކްރެއިންއިންނެވެ. އެގޮތުން ޔޫކުރެއިނުން 2،680 ފަތުރުވެރިންވަނީ މިދިޔަ 10 ދުވަހު ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ބޮޑު ލޮޅުންތަކެއްވަނީ އަރާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުވަނީ 555،399 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އެއީ ބޯޑަރު ބަންދުކުރުމުގެ ކުރިން (ޖެނުއަރީން މާރޗަށް) ރާއްޖެ ޒިޔާރަތްކުރި 382،760 ފަތުރުވެރިންނާއި ބޯޑަރު އަލުން ހުޅުވާލިފަހުން ޒިޔާރަތްކުރި 172،552 ފަތުރުވެރިންގެ އިތުރުން ބޯޑަރު ބަންދުކޮށްފައި ހުރިއިރު ޒިޔާރަތްކުރި 87 ފަތުރުވެރިންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސް ތަކެއް އޮތުމަށްފަހު މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރިޒޯޓްތަކާއި ޓުއަރިސްޓުންނަށް ޚިދުމައްދޭ އެހެނިހެން ތަންތަން ހުޅުވަމުން އައިސް މިހިނގާ ޖެނުއަރީ މަހުގެ 10 އާއި ހަމައަށް އައިސްފައިވާއިރު ރާއްޖޭގައި ރިޒޯޓްތަކާއި މެރީނާ ހިމެނޭގޮތަށް ރާއްޖޭގައި 141 ތަނެއް އޮޕަރޭޓް ކުރަމުން އެބަދެއެވެ. އަދި 11 ހޮޓަލާއި 131 ސަފާރީގެ އިތުރުން 286 ގެެސްޓްހައުސް މިހާރު ރާއްޖޭގައި ޓުއަރިސްޓުންނަށްތަކައި އޮޕަރޭޓްކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.




