މަތީ ތައުލީމަށް ކިޔަވަން ހުޅުވާލި ލޯނު ގިނަ ބަޔަކަށް ނުލިބި މައްސަލަ ބޮޑުވުމުން، އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް މުރާޖައާ ކުރުމަށް ފަހު މި ހަފުތާގައި އަލުން ހުޅުވާލާނެ ކަމަށެވެ. އެއީ ރާއްޖެ އިން ބޭރުގައި ކިޔަވަން 242 ޖާގަ އަށް ހުޅުވާލި ނަމަވެސް ގިނަ ބަޔަކު ޑިސްކޮލިފައިވެފައިވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ލޯނަށް އެދެން އަލުން ހުޅުވާލާނީ އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށް، ލޯނު ބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އެހެންކަމުން މައި އެޑިއު ޕޯޓަލްގެ ތެރެއިން އެޕްލިކޭޝަން އެޑިޓްކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ލިބޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވާއިރު، ފޯމު ނުބައިވި ސަބަބުތައް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
ސެޓްފިކެޓްތައް ހަމަނުވެގެން 183 ކުދިންނަށް ލޯނުގެ ފުރުސަތު ގެއްލުނު އިރު، ރާއްޖޭގައި ކިޔަވާ ކޯސްތައް، ބޭރުން ކިޔަވަން ބޭނުންވެގެން ހުށަހެޅި 106 ދަރިވަރުންނަށް ލޯނު ދުލެއް ނުކުރި އެވެ.
ލޯނަށް ހުށަހެޅި ދަރިވަރުން ޑިސްކޮލިފައިވި އިތުރު ސަބަބުތަކުގެ ތެރޭގައި އެޕްލިކޭޝަންތައް ހަމަނުވުމާއި އެކްރެޑިޓް ނުކުރާ ސެޓްފިކެޓްތައް ހިމެނުން ފަދަ ކަންކަން ހިމެނެ އެވެ.
"މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުސަތު ފަހިވެ ގިނަ ފަރާތްތަކަށް ލޯނު ލިބުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒެވެ،" ބަޔާނުގައި ބުންޏެވެ.




