ސަމާލުވޭ، 40 މޭލަށް ވައިގަދަވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ، މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ވިދާޅުވީ، އެލާޓްގެ ވަގުތުގައި މިސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގާތްގަޑަކަށް ގަޑިޔަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

"ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވޭ. ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ