149 ކިލޯގެ ޑްރަގް މައްސަލަ އިސްތިޢުނާފެއް ނުކުރި

ގދ. ހުޅުވާރުލު ކިޔާ ފަޅުރަށަކުން 2019 ވަނަ އަހަރު ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 5 މީހެއްގެ މައްޗަށްކުރި ދަޢުވާ ބާޠިލް ކުރުމުން އެ މައްސަލަ އިސްތިޢުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މި މައްސަލާގައި ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ގައްދޫ ކޯޓުން އެމައްސަލަ ބޭރުކޮށްލި ނަމަވެސް ހައިކޯޓުގައި އެމައްސަލަ އިސްތިޢުނާފު ނުކުރާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާ ކުރަމުން އަންނަކަމަށެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައި ވަނީ ދައުވާކުރުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން މި މައްސަލާގައި ދައުވާ ކޮށްފައިވާތީއެވެ.

އެހެން ކަމުން މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި އިއްޔެ ވަނީ މަޖިލީހަށްވެސް އެކަން ހުށައަޅާފައެވެ. މި މައްސަލަ ކޯޓަށް ހުށައަޅާފައި ވަނީ ޕީޖީގެ މަޤާމްގައި އައިޝަތު ބިޝާމް ހުންނެވިއިރުއެވެ.

ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވަނީ އެރަށުގައި ވަޅުލާފައި ހުއްޓައެވެ.

އެމައްސަލާގައި ދަޢުވާ އުފުލި މީހުންނަކީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)އާއި، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)އާއި، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)އާއި، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30)ގެ އިތުރުން ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ