28 އޮފިސަރުންނާއެކު 'ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް' ކޯސް ފަށައިފި

 

ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ”ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ވަނަ ބެޗް ފަށައިފިއެވެ.

މި ކޯހުގެ އޮރިއެންޓޭޝަން 2021 ޖަނަވަރީ 07 ގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ކޯސް ރަސްމީކޮށް ފަށާފައިވަނީ 2021 ޖަނަވަރީ 10 ގައެވެ. މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި ހިންގޭ މިޒާތުގެ ފުރަތަމަ ކޯހެވެ. އަދި މި ކޯސް ކުރިއަށް ގެންދާނީ ވަރޗުއަލްކޮށެވެ.

މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މި ކޯހުގައި ކިޔަވާދެއްވާނީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކާއި ގުޅުންހުރި ބެޗްލަރސް ޑިގްރީއިން މަތި ހާޞިލްކޮށްފައިވާ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ މުވައްޒަފުންނެވެ.

މި ކޯހުގައި, ކަރެކްޝަނަލް ދާއިރާގައި މަސައްކަތްކުރާއިރު މަސައްކަތުގެ މާހައުލަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި، މެނޭޖީރިއަލް ލެވެލްގައި މުއައްސަސާގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި، މެނޭޖްމަންޓް ލެވަލްގެ ނިންމުންތައް ނިންމުމުގައި ވިސްނަންޖެހޭ ކަންކަމާއި، އައު ހޯދުންތައް ހޯދައި އެކަންކަމަށް އަހުލުވެރިވުމާއި، އެކަންކަމާގުޅިގެން ދަށުން މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކުރުވާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.

މީގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މަސައްކަތްތައް ދަސްކޮށްދިނުމާއި، މަސައްކަތްކުރާ މާހައުލު ދެނެގަތުމުގެ އިތުރުން ކަރެކްޝަނަލް ދާއިރާއާއިގުޅޭ ސައިކޮލޮޖީގެ ބައިތައްވެސް މި ކޯހުގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ