މެލޭޝިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.
އެ ގައުމުގައި އެއްމަސް ދުވަހަށް ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސިންގެ އެދިވަޑައިގަތުމަށް ރަސްގެފާނު ސުލްތާން އަބްދުﷲ އެވެ.
ރަސްގެފާނުގެ މި ނިންމުމާއެކު ބޮޑުވަޒީރަށްވަނީ ޕާލަމެންޓުގެ މަސައްކަތްތައް ހުއްޓުވުމުގެ ބާރު ލިބިފައެވެ. މި ދުވަސްވަރަކީ ބޮޑުވަޒީރު މުހިއްޔުއްދީން ސަރުކާރުގެ ތާއީދު ވަރަށް ބޮޑުތަނުން ދައްވެ ސަރުކާރު ނިކަމެތިވެފައިވާ ދުވަސްވަރެކެވެ.
ފާޑުކިޔާ ފަރާތްތަކުން ވިދާޅުވާގޮތުގައި ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމާއެކު ބޮޑުވަޒީރު މުހިއްޔުއްދީންއަށްވަނީ ނިކަމެތިވެފައިވާ ސަރުކާރު ބާރު ގަދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. ބޮޑުވަޒީރު މުހިއްޔުއްދީން އާ ސަރުކާރެއް އެކުލަވާލައިފައިވަނީ ވަރަށް ހަނި އަގުލަބިއްޔަތަކުން މިދިޔައަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކޮށްފައި މިވަނީ ކުއްލި ހާލަތު ގައުމުގައި އިއުލާން ނުކުރާތާ 50 އަހަރު ފަހުންނެވެ. ކުއްލި ހާލަތުގެ މުއްދަތުގައި ސަރުކާރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާއިރު މިމުއްދަތުގައި ސިޔާސީ ހަރަކާތްތައް ހިނގުމަކީ މަނާކަމެކެވެ.
މިލޭޝިއާއިން މިހާތަނަށް ކޮވިޑް-19 އަށް 141,533 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 559 މީހުންވަނީ މަރުވެފައެވެ.



