ބޮލީވުޑްގެ ޒުވާން އަދި މަޝްހޫރު ބަތަލު ވަރުން ދަވަން އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި މި ހިނގާ ޖެނުއަރީ މަހުން އިންނަން އުޅޭކަމަށް އިންޑިއާގެ ބައެއް މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފިއެވެ.
ޕިންކް ވިލާގައި ބުނެފައިވަނީ ވަރުން އޭނާގެ ލޯބިވެރިޔާ ނަތާޝާ އާއި މިމަހު އަލިބޯގް ގައި ކައިވެނި ކުރަން އުޅޭކަމަށެވެ. ކައިވެނީގެ ހަފްލާތައް ބޭއްވުމަށް އަލިބޯގް އިން ފައިވް ސްޓާ ހޮޓަލެއްވެސް ވަރުން ބުކް ކޮށްފައިވާ ކަމަށް ޕިންކް ވިލާގައި ބުނެފައިވެއެވެ.
ވަރުން އަދި ނަތާޝާގެ ކައިވެނި މިމަހު އޮންނަ ކަމަށް އަޑުފެތުރެމުން ދާއިރު އެދެމީހުންގެ ކައިވެނި ޕާޓީއަށް ދައުވަތު އެރުވުމަށް ހަމަޖެހިފައިވަނީ 200 މީހުންނަށް ކަމަށްވެސް ޕިންކް ވިލާއިން ވަނީ ބުނެފައެވެ.
މީގެކުރިންވެސް ވަނީ ވަރުން އަދި ނަތާޝާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައެވެ. ނަމަވެސް ކޮވިޑް 19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެދެލޯބިވެރިންގެ ކައިވެނި ފަސްކޮށްލީއެވެ.
ވަރުން މިމަހު ކައިވެނި ކުރަން އުޅޭކަމުގެ އަޑު ފެތުރިފައި ވީނަމަވެސް އެކަމާއި ގުޅޭގޮތުން އަދި މިހާތަނަށް ވަރުން އެއްވެސް ބަހެއް ނުބުނެއެވެ. ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބަތަލާ ސާރާ އަލީ ހާން އާއިއެކު "ކޫލީ ނަމްބަރު 1" އިންނެވެ.



