އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ގޮއެދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ޗެއާމަން އަލްފާޟިލް އަހުމަދު މައުސޫމު ޣާއި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝަހުއެވެ. މި ރަސްމިޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ވިދާޅުވީ މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށްގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށެވެ. އަދި މިމަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރަތްކުރެ ފެސިލިޓީ ބިލްޑިންގެ %30 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 15.9 ކިލޯ މީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް ޤައިމް ކުރުމާއި ޣަރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 ޣަރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ 2 ޖޯންގި ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިންވަނީ ވިދާޅުވެފައެވެ.
އެ މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 3.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.1 ކިލޯ މީޓަރގެ ޕާން ޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤައިމްކުރުން ހިމެނެއެވެ.
އެ ކުންފުނިން ވިދާޅުވީ ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައި މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.
މީގެ އިތުރުން އެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންޤާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓައި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
22 މަސް ދުވަހުގެ މުއްދަތުގެތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މިމަޝްރޫޢުއަށް ޖުމްލަ 46,304,686.85 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.
ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި




