އަތޮޅު ފެރީން ދަތުރުކުރި ބަޔަކު ހިމެނޭ ގޮތަށް ގއ. ދާންދޫއިން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް އިސްމާޢީލް މުޙައްމަދު މިނޫހަށް ވިދާޅުވީ، އަތޮޅު ފެރީން ދަތުރުކުރި ބަޔަކު ހިމެނޭ ގޮތަށް ދާންދޫއިން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން ފެރީން ދަތުރުކޮށްފައިވާ ތިން ފަރާތެއް ޕޮޒިޓިވްވެފައިވާއިރު، އެއެންމެންވެސް ތިބީ ކަރަންޓީނުގައި ކަމަށާއި، އެމީހުން ކަރަންޓީނު ކުރެވިިފައިވަނީ އެރަށުން ކުރިން ފެނުނު ކޮވިޑްގެ ކޭސްއަކާއި ގުޅިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާއި 41 އަހަރުގެ އަންހެނެއްގެ އިތުރުން 66 އަހަރުގެ އަންހެނެކެވެ.
އެގޮތުން އެރަށުން މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވި ފަރާތެއް އަތޮޅު ފެރީން ދަތުރުކުރުމާއި ގުޅިގެން 9 ޖެނުއަރީގައި އެފެރީން ދަތުރު އެރަށުގެ 25 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށާއި، އަދި އެހުރިހާ އެންމެންގެ ނަތީޖާ ނުލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ސާމްޕަލްތައް އަދިވެސް ޕެންޑިންގައި އެބަހުރި، ފެރީން ދަތުރުކޮށްގެން ކަރަންޓީނު ކުރީ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 3 ފަރާތެއްވަނީ ޕޮޒިޓިވްވެފައި." އިސްމާޢީލް މުޙައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން އެރަށުން ޕޮޒިޓިވްވި އަނެއް ފަރާތަކީ ކުރިން އެރަށުން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 9 އަހަރުގެ ކުއްޖާގެ ޑައިރެކްޓް ކޮންޓެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކޭސްއާއި ގުޅިގެން މިއަދު ޕޮޒިޓިވްވެފައިވަނީވެސް އުމުރުން 9 އަހަރުގެ ކުއްޖެއްކަމަށް އޭނާ ވިދާޅުވިއެވެ.
ދާންދޫއިން މީގެ ކުރިން ދެމީހަކު ވަނީ ޕޮޒިޓިވްވެފައިވާއިރު، މިހާރު އެރަށުގައި ކޮވިޑް-19 އެކްޓިވް 6 ކޭސް ވެއެވެ.
https://feshun.wonstasite.com/108773



