އިސްރާއިލުގެ ޖަލުތަކުގައި ގައިދީންގެ ގޮތުގައި ތިބި އެންމެންނަށް ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފައިވާކަމަށް އެގައުމުގެ ޕުރިޒަން ސާރވިސްއިން ބުނެފިއެވެ.
ކޮވިޑް ވެކްސިން ދޭން ފަށައިފައިވާ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް މިހާތަނަށް މި ވެކްސިން ދީފައިވަނީ އިސްރާއިލުގައެވެ. މިގޮތުން ކޮވިޑް ވެކްސިންގެ މަދުވެގެން އެއް ޑޯޒް އެގައުމުގެ ދެމިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ދީފައެވެ.
މިހެންނަމަވެސް، ގައިދީންނާ، އިސްރާއިލުން ހިސޯރުގައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާތަނަށް ކޮވިޑް ވެކްސިން ދީފައެއް ނުވެއެވެ.
އިސްރާއިލްގެ ޕުރިޒަން ސާރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ އަދި އޮޕަރޭޝަނަލް ޕްރޮޓޮކޯލާއި އެއްގޮތްވާ ގޮތުގެ މަތިން ގައިދީންނަށް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. ސިއްހީ އަދި އޮޕަރޭޝަނަލް ޕްރޮޓޮކޯލަކީ ޕުރިޒަން ސާރވިސްއިން އެކުލަވާލާ އެއްޗެކެވެ.
ވެކްސިން ދިނުމުގައި ފަލަސްތީނުގެ ގައިދީންނާއި އިސްރާއިލުގެ ގައިދީންނާއި ދެމެދު ތަފާތު ކުރުންތައް ގެންގުޅެދާނެ ކަމުގެ ކަނބޮޑުވުންތަކެއް އޮތްއިރު ފަލަސްތީނުގެ 4،400 ގައިދީން އިސްރާއިލުގެ ޖަލުތަކުގައި އެބަތިއްބެވެ. މީގެތެރެއިން250 ގައިދީއަކު ކޮވިޑަށްވަނީ ޕޮޒިޓިވުވެފައެވެ.