އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި ހިނގި އެކްސިޑެންޓެއްގައި 15 މީހުން މަރުވެއްޖެއެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވާ އެންމެންނަކީވެސް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނެވެ. އަދި މިމީހުން މަރުވެފައިވަނީ މޮޓަރވޭއެއްގެ ޕޭވްމަންޓް މަތީ ނިދާފައި ތިއްބާ އެމީހުންގެ ގަޔަށް ޓުރަކެއް އެރުމުގެ ސަބަބުންނެވެ.
ނިދާފައި ތިބި މީހުން ގަޔަށް ޓުރަކު އަރަން މެދުވެރިވީ ޓުރަކްޓަރެއްގައި ޓުރަކު ޖެހި ހިނގި އެކްސިޑެންޓެއްގައި ޑްރައިވަރަށް ޓުރަކުގެ ކޮންޓުރޯލް ގެއްލުމުގެ ސަބަބުންނެވެ. މިހާދިސާގައި 15 މީހުން މަރުވުމުގެ އިތުރުން ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެވެ.
The loss of lives due to a truck accident in Surat is tragic. My thoughts are with the bereaved families. Praying that the injured recover at the earliest: PM @narendramodi
— PMO India (@PMOIndia) January 19, 2021
މިހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ހިތާމަ ފާޅުކޮށް ނިޔާވި ފަރާތްތަކަށް ހަމްދަރުދީގެ މެސެޖު ފޮނުވައިފައެވެ. އަދި މިހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައި ވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މަރުވި މަސައްކަތްތެރިންނަކީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ރާޖުސްތާނަށް ނިސްބަތްވާ ބަޔެކެވެ. އަދި އެމީހުން ޕޭވްމަންޓްމަތީ ނިދާފައި ތިބީ ދުވަހުގެ މަސައްކަތް ނިންމާލުމަށް ފަހުއެވެ. އިންޑިއާގައި ޕޭވްމަންޓްމަތީ ނިދުމަކީ އާންމު ކަމެކެވެ. އަދި މިކަމުގެ ސަބަބުން މީގެ ކުރިންވެސް ހިތާމަވެރި ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ.



