މިއަދަކީ ކޮވިޑް-19 އިން ސަލާމަތްވުމުގެ އުންމީދު އާވެގެންދާ ދުވަހެއް: ރައީސް

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށްފަހު، މިއަދަކީ، މި ބަލިން ސަލާމަތްވުމުގެ އުންމީދު، އަޅުގަނޑުމެންނަށް އައުވެގެންދާ ދުވަހެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް ކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށެވެ.

"ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށްފަހު، މިއަދަކީ، اللهُ سُبْحَانَهُ وَتَعَالَىގެ ރަޙްމަތްފުޅުން، މި ބަލިން ސަލާމަތްވުމުގެ އުންމީދު، އަޅުގަނޑުމެންނަށް އައުވެގެންދާ ދުވަހެއް، މިއަދަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް. އެކަމަށްޓަކައި އެންމެ ފުރަތަމަވެސް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވެކްސިންގެ އާ އުންމީދާއެކު ވެސް ކޮވިޑުން ރައްކާތެރިވުމަށް ބައިވަރު މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް އެންމެންގެ އަމަލުތައް ބަހައްޓަން އެ މަނިކުފާނު އެދިވަޑައިގަތެވެ.

"މިއަދު މިލިބޭ އައު އުންމީދާއެކީވެސް، އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަޅުގަނޑުމެންގެ ޢަމަލުތައް އަދިވެސް ބެހެއްޓެވުން. ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވައިލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި، ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ" ރައީސް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް މިއަދު ހަދިޔާކުރަނީ ކޮވިިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް އެސްޓްރާޒެކެނާ އިން އުފެއްދި ވެކްސިންގެ 100،000 ޑޯޒެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ