ވެކްސިންގެ 7 ލައްކަ ޑޯޒް ހޯދަން އެސްޓްރާޒެނެކާ އެކު ވަނީ އެއްބަސްވެފައި - ނަޒްލާ

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވާލާއި، އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އެ ވެކްސިންގެ ހަތް ލައްކަ ޑޯޒް ހޯދޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ހާމަކުރައްވައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެ އަށް ގެނައުމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ހޯދުމަށް ކުރެވޭ އިތުރު މަސައްކަތްތަކުގެ ދަށުން، އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ގަތުމަށް އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒް ހޯދޭނެކަމަށެވެ.

"ރާއްޖެއިން ވަނީ އެސްޓްރާޒެނެކާ ކުންފުންޏާ ސީދާ އެގްރިމެންޓު ގައި ސޮއިކޮށްފައި 700،000 ޑޯޒް ވެކްސިން ގަތުމަށްޓަކައި. އޭގެ އިތުރަށްވެސް އެހެން ގައުމުތަކާޢެކު ވެސް އެބަ މަސައްކަތް ކުރެވޭ އަވަހަށް ވެކްސިން ލިބެނެ މަގެއް އޮތްތޯ ބެލުމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭނެކަމަށްވެސް ޑރ. ނަޒްލާ މިއަދު ވަނީ ވިދާޅުވެފައެވެ.

މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގައި ހިމެނޭ ވެކްސިން ޖަހާ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ކަމަށާއި، ވެކްސިން ދޭން ފަށާނީ އެކަމުގެ ރައްކާތެރިކަން ޔަގީންކުރައްވައި، ޑަބްލިޔުއެޗްއޯގެ ހުއްދަތަކާއެކުގައިކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިންޑިއާއިން ވެކްސިން ޝިޕްމަންޓެއް މިއަދު ރާއްޖެ ފޮނުވާއިރު ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިއަދު ރާއްޖެއަށް ލިބިފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާ އެކްސްްޓްރާޒެނަކާ ކުންފުނީގެ ރިސާޗު މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދައިފައިވާ "ކޮވިޝީލްޑް" ވެކްސިންއެވެ.

މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށާއި، އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދުވަނީ ވިދާޅުވިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ