ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްް ލިބުމަކީ މި ބަލިން ރައްކާތެރިވުމަށް ލިބުނު އުންމީދީ ކުރިއެރުމެއް - ރައީސް

ކޯވިޑް-19އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، އިންޑިއާގެ ދީލަތި އެހީތެރިކަމާއެކު، ރާއްޖެއަށް ލިބިފައިވާކަން  ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއީ މި ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އުންމީދީ ކުރިއެރުމެއްކަމަށެވެ.

ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް މިއަދު މެންދުރުފަހު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާ ސަރުކާރުގެ ދީލަތި އެހީއެއްގެ ގޮތުން ހަދިޔާކޮށްފައިވާ ކޯވިޑް-19ގެ ވެކްސިނެއް ކަމުގައިވާ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް މިއަދު މެންދުރުފަހު ވަނީ ރާއްޖެ ގެނެސްފައެވެ. ކޮވިޝީލްޑްއަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އަދި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޯވިޑް-19 ވެކްސިންގެ މައްޗަށް ބިނާކޮށް އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ "ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ"އިން އުފައްދާފައިވާ ވެކްސިނެކެވެ.

މިއަދު ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން ފާހަގަކުރައްވާ، އިންޑިއާގެ ރައްޔިތުންނާއި، އެ ޤައުމުގެ ސަރުކާރާއި، އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށާއި، އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މި ބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރިން ވިދާޅުވީ، ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބުމަކީ، މި ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އުންމީދީ ކުރިއެރުމެއް ކަމުގައެވެ. ނަމަވެސް، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރިމަތީގައި އޮތްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ