ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކި ކުރުމުން ދަޢުލަތަށް ލިބޭ ގެއްލުމުގެ ޒިންމާ އެކަންކުރި މީހަކު އުފުލަންޖެހޭކަމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައި މިވަނީ އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ، ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފައި ވަނިކޮށެވެ. އަދި ހާމިދު ރިޒާއަށް ވަޒީފާ އާއި މިދިޔަ ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ދޭންވެސް ޓްރައިބިއުނަލުން ވަނީ ޙުކުމް ކޮށްފައެވެ.
މިކަމާއި ގުޅިގެން ޢަލީ ޙުސައިން ވިދާޅުވީ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ނުވަތަ އެނޫންވެސް އެފަދަ ކަމެއްގެ ސަބަބުން ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ޒިންމާ، އެކަންކުރި މީހުން ނުވަތަ ކުންފުނީގެ އެމްޑީން ފަރުދީގޮތުން ކުންފުންޏާ އެއްވަރަށް އުފުލަން ޖެހޭނެކަމަށެވެ.
ހާމިދު ވަޒީފާއިން ވަކިކޮށްފައި ވަނީ އެމްއޭސީއެލްގައި ވަޒީފާ އަދާކުރަައްވާތާ 20 އަހަރު ވެފައިވަނިކޮށް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާއަކީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަދި އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު މުވައްޒަފުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.
އޭނާގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ ޚިލާފަށްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ވަނީ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި އެތައްބަޔަކަށް އަނބުރާ ވަޒީފާ ދިނުމަށް ޙުކުމް ކޮށްފައެވެ.




