ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދަނީ - ފޮޓޯ: އީޕީއޭ

"ގުޅީ ފަޅު ހިއްކުމަށް އެތެރެވަރިންނާއި ބޭރުވަރިން ވެލި ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"

ގުޅީ ފަޅު ހިއްކުމަށް ބޭނުންވާ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިމިވަނީ ގުޅީ ފަޅު ހިއްކުމުގައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ވިދާޅުވެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.

އެގޮތުން ޢަލީ ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގުޅީ ފަޅު ހިއްކަން ބޭނުންވާ 20 މިލިޔަން ކޮޑި މީޓަރުގެ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫންކަމަށެވެ. "ކަން އެމަގުން ނުހިނގާނެ ކަަަމަށް އުއްމީދުކުރަން." ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ.

ޢަލީ ޙުސައިން އިތުރަށް ވިދާޅުވެފައިވަނީ ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާޔަށް ބޮޑު، ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ/އިޖުތިމާއީ ނަފާ ހީނަރު ކުރުވާ، ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ކަމެއްކަމަށާއި، އަދި މި ކަމަކީ މިދަނޑިވަޅު މާލީގޮތުން ދެކޮޅު ނުޖެހޭ ކަމެއްކަމުގައިވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓަކީ އެފަރާތާއި ގުޅިފައިވާ ކުންފުނިތަކަށް ފައިދާވާނެ ޕްރޮޖެކްޓެއްކަމުގައި ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.

ގުޅީފަޅު ހިއްކުމުގައި ތިމާވެއްޓަށް ގެއްލުންވާ މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ އިސްވެރިން ވަނީ މަޖިލީހުގެ ތިމާވެށްޓާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރަން ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ