ނުޙައްޤު މުއްސަނދިކަމަކީ ކުށަކަށް ހަދަންޖެހޭ ކަމުގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން ވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގައިވެސް ނުޙައްޤު މުއްސަނދިކަން ކުށަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން ވުޖޫދަށް އައީއްސުރެ ނުޙައްޤު މުއްސަނދިކަމުގެ ވާހަކަ ދެކެވެމުން ދާ ކަމަށާއި، ނަމަވެސް މިފަދަ ކަމަކަށް އެކަށޭނެ ފިޔަވަޅެއް އެޅިފައި ނުވާކަން ޢަލީ ޙުސައިން ވަނީ ފާހަގަ ކުރައްވާފައެވެ.
އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޢަލީ ޙުސައިން ވިދާޅުވީ ނުޙައްޤު މުއްސަނދިކަން ކުށަކަށް ވާންޖެހޭ ކަމަށާއި، މި ޤާނޫނުގެ ސަބަބުން މިފަދަ ކަންކަން ހުއްޓުވުމަށް ބާރަކަށް ވެގެން ދާނެކަމަށެވެ.
ޢަލީ ޙުސައިން އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން ވުޖޫދަށްއައި ފަހުން 12 އަހަރު ވެފައިވާ ކަމަށާއި، މިވީ މުއްދަތުގެ ތެރޭގައި އެކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާލަންޖެހޭ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާކޮށް ދަޢުލަތަށް ކިހާ ފައިސާއެއް ހޯދިފައިވޭތޯވެސް ބަލަންޖެހޭ ކަމުގައި ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.




