ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބޭ ލާބައާއި މަންފާ އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ އާއި ގުޅިގެން ކުރެވިދާނެ ކަންތަކާއި ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން 2022 ވަނަ އަހަރު ހިންގުމަށް ރާވަމުންގެންދާ ޙަރަކާތްތަކުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމުގެ މަޝްވަރާތައްވެސް ކުރެވުނެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުޞޫމްއާއި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ އޭޝިއާ އެންޑް ޕެސިފިކް ރީޖަނަލް ޑިރެކްޓަރ މިސްޓަރ ހެރީ ހޮންގް އާއި ދެމެދު ބޭއްވުނު މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި މިއަހަރު ޝްރީލަންކާގައި ބޭއްވުމަށް ޖެހިފައިވާ، ދިވެހިރާއްޖެއިން ޗެއަރކުރާ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ރީޖަނަލް ކޮމިޝަން ފޯރ ސައުތު އޭޝިއާގެ ބައްދަލުވުމާއި ގުޅުވައިގެން ދިވެހިރާއްޖޭގައި އިވެންޓެއް ބޭއްވުމާއި، ފަތުރުވެރިކަމުގެ ތެރެއިން އަންހެނުން ރިކުރުވުމާއި، ފަތުރުވެރިކަމުގެ ލާބައާއި މަންފާ ސީދާ ރައްޔިތުންނަށް އިތުރަށް ލިބޭނެގޮތްތައް ދެނެގަނެ ޙައްލު ހޯދުމުގައި އެޖަމްޢިއްޔާއިން ވެވިދާނެ އެހީ ހިމެނެއެވެ.
ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ އެގްޒެކެޓިވް ކައުންސިލްގެ 113 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރ ޑރ.މަޢުޞޫމް ސްޕެއިންގެ މެޑްރިޑަށް ކުރައްވާ ދަތުރާއި ގުޅުވައިގެން ބޭއްވި މިބައްދަލުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ރީޖަނަލް ޑިޕާރޓްމަންޓް ފޯރ އޭޝިއާ އެންޑް ޕެސިފިކްގެ ސީނިއަރ ޕްރޮޖެކްޓް ސްޕެޝަލިސްޓް މިސްޓަރ ލީ ޔަންގް އާއި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ ފަޟީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.




