މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަމުން އަގުއޭރޯ ބުނީ، ކޮވިޑް ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވުމާއި ގުޅިގެން ހެދި ޓެސްޓުން އޭނާ ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ބަލީގެ ބައެއް އަލާމާތްތައް ފެންނަކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.
އައިސޮލޭޝަންގައި ހުރި އަގުއޭރޯއަށް އަނިޔާގެ ސަބަބުން މިސީޒަންގެ މުހިންމު މެޗުތަކެއްވަނީ ގެއްލިފައެވެ. މިސިީޒަންގައި އަގުއޭރޯ ސިޓީއަށް މިހާތަނަށް ކުޅެފައިވަނީ އެންމެ 9 މެޗުގައެވެ. އަދި މިސީޒަންގެ މެޗެއްގައި ފުލްކޮށް ކުޅެފައިނުވާ އަގުއޭރޯ ސިޓީއަށް މިހާތަނަށް ކާމިޔާބުކޮށްދީފައިވަނީ އެންމެ ދެ ލަނޑެވެ. އެއީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކާމިޔާބުކުރި ދެ ލަނޑެކެވެ.
ކޮވިޑް-19 ގެ ސަބަބުން ޕްރިމިއާ ލީގުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއްޓީމަކީ މެންޗެސްޓާރ ސިޓީއެވެ. އަގުއޭރޯއާއެކު އެކްލަބުން މިހާތަނަށް 9 ކުޅުންތެރިޔަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ސިޓީގެ ފުރަތަމަ ޓީމުގެ ތަރިންގެ ތެރޭގައި ހިމެނޭ އެރިކް ގާސިއާއާއި ގެބްރިއަލް ޖީސޫސް އަދި ކައިލް ވޯކާވެސް ހިމެނެއެވެ.
18 މެޗުން ލިބުނު 38 ޕޮއިންޓާއެކު ސިޓީ އޮތީ ޕްރިމިއާ ލީގު ތާވަލްގެ ދެވަނާގައެވެ. އެއްވަނާގައި އޮތް މެންޗެސްޓާރ ޔުނައިޓެޑަށް 40 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާރއިންވަނީ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.




