ފިނޮޅަށް ގެއްލުން ދިން ބަޔަކަށް ހަރުކަށި އަދަބު ދެވެންޖެހޭ: ވައްޑޭ

ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިނުމުގައި ބައިވެރިވި ފަރާތްތަކަށް ހަރުކަށި އަދަބުދެވެންޖެހޭ ކަމުގައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެންވިދާޅުވެފައި މިވަނީ ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅަކަށް ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިން ތިބެގެން ގެއްލުން ދިން މައްސަލާގައެވެ.

އެ ފިނޮޅަށް ގެއްލުން ދިން މައްސަލަ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފުލުހުންނާ ގުޅިގެން މިހާރު ދަނީ ބަލަމުންނެވެ.

މިކަމާއި ގުޅިގެން ވައްޑޭ ވިދާޅުވީ މިއީ ވަރަށް ބޮޑު ޖަރީމާއެއްކަމަށާއި އަދި ބޮޑު ޖިނާއީ ކުށެއްކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް، މިކަން ހިންގުވި ފަރާތްތަކާ މިކަމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރެވި، ޝަރީޢަތްކުރެވި ހަރުކަށި އަދަބު ދެވެން ޖެހޭނެކަމުގައި ވައްޑޭ ވަނީ ވިދާޅުވެފައެވެ.

ވައްޑޭ އިތުރަށް ވިދާޅުވީ މިކަމުގައި ނަމެއްގައި ކޮށްލާ ޖުރުމަނާއަކުން ނުފުދޭނެކަމަށެވެ.

ތިމާވެށްޓަށް ގެއްލުން ދީފި ނަމަ އެފަދަ ފަރާތްތައް 100 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް ދީފައިއޮވެއެވެ.

އީޕީއޭ އިން ވަނީ ފިނޮޅުގައި ކޯރު ކަނޑައިގެން އެ ފިނޮޅަށް ގެއްލުން ދީފައިވާ ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ