މިއީ ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ފަށަންވީ ވަގުތުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޯވިޑް19ގެ ސަބަބުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭގޮތަށް ކަނޑައަޅާފައި އޮތުމުގެ ސަބަބުން ޑޮމެސްޓިކް ފަތުރުވެރިކަން މިހާރު ވަނީ އެއްކޮށް ހުއްޓިފައެވެ.
މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި މައުސޫމް ވިދާޅުވީ، ޑޮމެސްޓިކް ޓޫރިޒަމް ހުޅުވާލުމަކީ އިޖްތިމާއީ ގޮތުންނާއި އިޤްތިޟާދީގޮތުންވެސް މިވަގުތައް ބޭނުންތެރިކަމެއްކަމަށެވެ. އެގޮތުން އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭ ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ހުޅުވާލުމާއި ބެހޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަސްވަރާކުރައްވާނެކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ރާއްޖޭގެ ގެސްޓްހައުސްތައ ހުޅުވުމުގެ ހުއްދަ ދީފައިވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ 264 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.




