މިއަހަރު ދިވެހިރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ މިއަދު ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދަކީ 2021 ވަނަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރާތް ކޮށްފައިވާ ދުވަސް ކަމަށާއި އެގޮތުން 4،700 އަށް ވުރެ ގިނަ ޓޫރިސްޓުން މިއަދު ރާއްޖެ ޒިޔާރާތް ކޮށްފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ޑރ. މަޢުޞޫމް ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ރަނގަޅު ކުރުމަށް އެއްބާރުލުންދޭ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބާލާލާއިރު، މިއަދުގެ އިތުރުން މިއަހަރު ދިވެހިރާއްޖެއަށް ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ފެބުރުވަރީ 7 ވަނަ ދުވަހުއެވެ. އެދުވަހު 4،373 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރާތް ކުރައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތުމަށްފަހު މިދިޔަ އަހަރު ފަހުކޮޅު ވަނީ ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރާތް ކޮށްފައި ވަނީ 555،494 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް އައިއިރު 129،459 ފަތުރުވެރިންނަށްވުރެ ގިނައިން ރާއްޖެ ޒިޔާރާތް ކޮށްފައިވެއެވެ.




