ލޯކަލް ކައުންސިލް އިންތިޚާބު އެކި ފަހަރުމަތިން ލަސްކުރަމުން ދިއުމަކީ، ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ބޮޑުތަނުން ގެއްލި، އެޕާޓީގެ ކެނޑިޑޭޓުންނަށް ރައްޔިތުން ތާއީދު ނުކުރާނެކަން ހާމަވެ، އެކަމާ ސަރުކާރުން ބިރުގަނެ، ކަންބޮޑުވެ، މާޔޫސްވާކަން ސާބިތުވާ ދަލީލެއްކަމަށް، ޕްރޮގްރެސިވް ގެ ގެރެސް ކޯލިޝަނުން މިއަދު
ހާމަކޮށްފިއެވެ.
ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ޕީ.އެން.ސީ ގެ ނާއިބު ރައީސް އިބްރާހީމް ސުޖާޢު، ކައުންސިލްގެ މެންބަރުން އަދި ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 24 މެންބަރުން ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
އިދިކޮޅުން ބުނީ، ވާދަވެރި ކޯލިޝަންގެ ސަޕޯޓަރުން އިލެކްޝަންސް ކޮމިޝަން އިދާރާ ދޮށުގައި ޞުލްޙަވެރިކަމާއެކު އިޙްތިޖާޖްކޮށް، އަޑުއުފުލުމުން، އަނިޔާވެރިކަމާއެކު ޤާނޫނުން ބޭރުން އެ އެއްވުން ރޫޅާލައިފައިވާކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުން ހިމެނޭހެން ޕާޓީގެ ސަޕޯޓަރުން ހައްޔަރުކުރުމުން އިދިކޮޅުން އެކަން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން އެބޭފުޅުން ވަގުތުން މިނިވަންކުރުމަށް ރައީސް ޞާލިޙާއި ސީޕީ ޙަމީދު އަދި މޯލްޑިވްސް ޕޮލިސް ސާރވިސަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.




