މެކްސިކޯގެ ރައީސަށް ކޮވިޑް-19 ޖެހިއްޖެ

މެކްސިކޯގެ ރައީސް އަންދްރޭސް މަނުއަލް ލޮޕޭސް އޮބްރާދޯއަށް ކޮވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކޮށްފިއެވެ.

އެމަނިކުފާނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކޮށްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން މެކްސިކޯގެ ޙާލަތު އެންމެ ގޯސްވެފައިވާ ދަނޑިވަޅުގައެވެ.

2013ވަނަ އަހަރުގެ ތެރޭގައި ނުރައްކާތެރި ހާޓްއެޓޭކެއް ޖެހިފައިވާ ލޮޕޭސް އޮބްރާދޯ ވިދާޅުވީ އެމަނިކުފާނުގެ ކިބައިން ބަލީގެ އަލާމަތްތައް ފެންނަމުންދަނީ ވަރަށް ކުޑަކޮށްކަމަށެވެ. އުމުރުން 67 އަހަރުގެ އޮބްރާދޯ ވިދާޅުވީ އެމަނިކުފާނުދަނީ ބައްޔަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. މެކްސިކޯގެ ދެކުނާއި މެދުތެރޭގެ ބައެއް ސަރަޙައްދުތަކަށް ތިން ދުވަހުގެ ދަތުރެއް ކުރެއްވުމަށްފަހު މެކްސިކޯ ސިޓީއަށް އެނބުރި ވަޑައިގެން ހުންނެވި އޮބްރާދޯ ވިދާޅުވީ ރައީސްގެ މަސްޢޫލިއްޔަތުތައް ޢަދާކުރައްވަމުން ގެންދަވާނެކަމަށެވެ.

ދުނިޔޭގެ ބައެއް އެހެން ލީޑަރުންނެކޭ އެއްގޮތަށް އޮބްރާދޯއަކީވެސް ކޮވިޑް-19 ފެތުރެން ފެށުމާއިއެކު އެ ބައްޔަކީ އެހާ ނުރައްކާތެރި ބައްޔެއްކަމަށް ދެކިވަޑައިގެންނެވި ބޭފުޅެއް ނޫނެކެވެ. މީގެ 10 މަސްކުރިން މެކްސިކޯއަށް ކޮވިޑް-19 ފޯރީންސުރެ އާންމުންގެ ތެރޭގައި ރައީސް އޮބްރާދޯ މާސްކު ތުރުކުރައްވައިގެން ހުންނެވި މަންޒަރު މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި މެކްސިކޯގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައްވެސް އެމަނިކުފާނު އަޅުއްވާފައެއް ނުވެއެވެ.

މެކްސިކޯގައި މިހާތަނަށް 1.75 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 149.084 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 20،057 މީހުންނަށް ބަލިޖެހި 1،470 މީހުންވަނީ މަރުވެފައެވެ. ބަލީގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވެސްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ