އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާގައި އެކަކު މަރުވެއްޖެ

އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތަށް އެގައުމުގެ ސަރުކާރުން ގެއްނަން ނިންމައިފައިވާ ބަދަލުތަކާއި ގުޅިގެން އެގައުމުގައި މިއަދު ކުރި މުޒާހަރާތަކުގައި އެކަކު މަރުވެ 80 ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

އިންޑިއާގެ ގައުމީ ދުވަހާއި ދިމާކޮށް ދަނޑުވެރިން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާތައް ހޫނުވެ ގިނަ ބަޔަކަށް ގެއްލުން ލިބިފައިވަނީ މުޒާހަރާ ކުރުމަށް ފުލުހުން ހުއްދަ ދިން ސަރަހައްދު ފަހަނައަޅައި އެގައުމުގެ ގަދީމީ ރެޑް ފޯޓް ކޮމްޕްލެކްސް އަށް މުޒާހަރާގެ ބައިވެރިން ވައްނަން އުޅުމުންނެވެ.

ރެޑް ފޯޓް ކޮމްޕްލެކްސް އަށް މުޒާހަރާގެ ބައިވެރިން ވައްނަން އުޅުމުން ފުލުހުންވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފައެވެ. ނަމަވެސް ފައިމަގުގަ އާއި އަދި ޓުރެކްޓަރުގައި ތިބި މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ރެޑް ފޯޓް ކޮމްޕްލެކްސް ތެރެއަށް ވަދެގަނެފައެވެ.

އިންޑިއާގެ ޕާލިމެންޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ބިލްތަކާ ދެކޮޅަށް އެގައުމުގައި އައްނަނީ ސެޕްޓެމްބަރު މަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މިއީ ދަނޑުވެރިން އިސްނަގައިގެން މިހާ ގިނަ ދުވަހަށް ކުރިއަށް ގެންދާ މުޒާހަރާކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާގެ ޕާލިމެންޓުން ސެޕްޓެމްބަރު މަހު ފާސްކުރި ބިލްތަކުގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

ނަމަވެސް އިދިކޮޅު މުޒާހަރާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާއިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެއެވެ. އަދި ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ބާޒާރުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ