މެސެޖު ކުރުމަށް ހާއްސަ ސިގްނަލް އެޕްލިކޭޝަން އީރާނުގައި ބޭނުންކުރުން މަނާކޮށް އެ އެޕްލިކޭޝަން އެގައުމުގައި ބުލޮކް ކޮށްފިއެވެ.
އީރާނުން ސިގްނަލް އެޕްލިކޭޝަނާއި ދެކޮޅަށް މި ފިޔަވަޅު އަޅައިފައި މިވަނީ، މެސެޖު ކުރުމަށް ބޭނުން ކުރާ ފޭސްބުކުގެ ވަޓްސްއަޕް އެޕްލިކޭޝަން ދޫކޮށް ގިނަ ބަޔަކު ސިގްނަލް އެޕްލިކޭޝަން އިހްތިޔާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގިނަ ބަޔަކު ވަޓްސްއަޕް އެޕްލިކޭޝަން ދޫކޮށްލަން ފަށައިފައިވަނީ އެ އެޕްލިކޭޝަން އިން މިމަހުގެ ކުރީކޮޅު އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މައުލޫމާތު ރައްކާތެރި ކުރުމަށް ގެނަ ބަދަލުތަކާއި ގުޅިގެންނެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ މި ބަދަލުތަކާއެކު ވަޓްސްއަޕް އިން ފޮނުވާ މެސެޖުތައް މިހާރު ސިއްރު ނުވާނެ ކަމަށެވެ.
ސިގްނަލް އެޕްލިކޭޝަން އީރާނުގައި ބޭން ކޮށްފައި މިވަނީ އެންމެ ގިނަ އަދަދަކަށް އެގައުމުގައި ޑައުންލޯޑް ކުރެވޭ އެޕްލިކޭޝަނަކަށް އެ އެޕްލިކޭޝަން ވެފައި ވަނިކޮށެވެ. މިމަހުގެ 14 ވަނަ ދުވަހު އީރާނުގެ ކަމާބެހޭ އިދާރާތަކުންވަނީ ކެފޭ ބާޒާރުން ސިގްނަލް އެޕްލިކޭޝަން ނެގުމަށް އަމުރު ކޮށްފައެވެ. ކެފޭ ބާޒާރަކީ ގޫގަލް ޕުލޭ ގޮތަށް އީރާނުގައި ބޭނުންކުރާ އެޕް ސްޓޯރެކެވެ.
އީރާނުގެ މި ފިޔަވަޅާއި ގުޅިގެން ސިގްނަލް އެޕްލިކޭޝަނުން ބުނެފައިވަނީ، ދިމާވެފައިވާ މައްސަލަ ހައްލުކޮށް އީރާނުގައި އެ އެޕްލިކޭޝަން ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ މި އެޕްލިކޭޝަން ބޭނުން ކުރުން މަނާކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން 2016 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށްވެސް އީރާނުގައި ސިގްނަލް އެޕްލިކޭޝަން ބޭނުން ކުރުން މަނާކޮށްފައި ވެއެވެ.
މި ފިޔަވަޅާއެކު މިވަގުތު އީރާނުގައި ބޭނުން ކުރެވޭނެ ހަމައެކަނި މީސްމީޑިއާ އެޕްލިކޭޝަން ތަކަކީ ވަޓްސްއަޕް އާއި އިންސްޓަގުރާމުކަން ފާހަގަ ކޮށްލެވެއެވެ.



