ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި ޢިމާރާތުގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެ އިމާރާތް ސާފުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި ޢިމާރާތުގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެ ތަނަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"އެ ތަނަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ޒިޔާރަތްކޮށް، ފަރުވާ ބޭނުންވާ ތިން މީހަކު ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ޙަވާލުގައި ފަރުކޮޅުފުށީގައި ޤާއިމުކުރެވިފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައެވެ. އަދި މި އިމާރާތް ސާފުކުރުމުގެ މަސައްކަތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އަންނަނީ އެހީތެރިކަން ދެއްވަމުންނެވެ." ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކުރިން މެޓްރޯ ކެފޭ ހިންގި ޢިމާރާތް ސާފުކުރުމުގެ މަސައްކަތް ފަށައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާކަން ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފައި މިވަނީ ހޭންޑްސް ޓުގެދަރ ޖަމްއިއްޔާއިން މިއަދު މީޑިއާއި ހިއްސާކޮށްފައިވާ މެޓްރޯ ބިލްޑިންގުގެ ފޮޓޯތަކެއް ވައިރަލްވެފައި ވަނިކޮށެވެ.
މި ފޮޓޯތަކުން ދައްކުވައިދެނީ، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝައްކު ކުރެވޭ މީހުން ކުރިން މެޓްރޯ ކެފޭ ހިންގި ޢިމާރާތް ނިދުމަށާއި އަދި ދިރިއުޅުމަށް ބޭނުން ކުރާ މަންޒަރެވެ. މި ފޮޓޯތަކުން އިމާރާތްތެރޭގެ ސާފުތާހިރުކަން ކުޑަ މިންވަރު ދައްކުވައި ދެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ކަރުދާސް ފޮށިގަނޑުތައް އަޅައިގެން ނިދާފައި އޮއްނަ މަންޒަރުވެސް ދައްކުވައި ދެއެވެ.



